ދިވެހި ބަސް – 2

ބަހަކީ ބަދަލުވަމުން ނުފޫޒު ފޯރަމުން އަންނަ އެއްޗެކެވެ. ބަހަށް އެންމެ ބޮޑަށް ނުފޫޒެއް ފޯރަނީ އެޤައުމަކަށް ޒިޔާރަތްކުރާ ބިދޭސީންގެ ސަބަބުންނޭ ބުނެވިދާނެއެވެ. މިގޮތުން ދިވެހިބަހަށްވެސް މިހާރު މިވަނީ އެހެނިހެން ބަސްބަހުގެ އަސަރު ވަރަށް ބޮޑަށް ފޯރާފައެވެ. މީގެ އެތަކެއް އަހަރެއް ކުރިން މެދުތެރޭ އިންޑިޔާއިންނާއި، އުތުރު އިރުމަތީ އިންޑިޔާގެ މީހުން ރާއްޖެއަށް ޒިޔާރަތްކޮށް އުޅުމުގައި އެބައިމީހުންގެ ބަހުގެ އަސަރު ނުވަތަ ނުފޫޒު ދިވެހި ބަހަށް ފޯރާފައި ވާކަން ފާހަގަ ކުރެވެއެވެ. އެމީހުން އައިއިރު ބުދިސްޓް ދީނުގެ ބަހާއި އެމީހުންގެ އަކުރުވެސް ގެނައެވެ. އަދި ހޯދުންތަކުން ދައްކާގޮތުގައި ދިވެހިރާއްޖެއިން ފެނުނު އެންމެ ދުވަސްވީ ލިޔުންތަކުންވެސް ވަނީ މިއަކުރުތައް ފެނިފައެވެ. އަދި ހަމަ އެއާއެކު ސިންގަޅަބަހާއި ސިލޯން ބަހާއި ބަންގަޅާ ބަހާއި ފާރިސީ ބަސްފަދަ އަސަރުތަކާއި ނުފޫޒު ވަނީ ދިވެހިބަހަށް ކޮށްފައެވެ. އަދި މިހާރު އެންމެ ބޮޑަށް ދިވެހި ބަހަށް އަސަރު ކުރަމުންދާ ބަހަކީ އިނގިރޭސި ބަހާއި ހިންދީ ބަހެވެ. މިއީ ބައެއް ބޭބޭފުޅުން ގަޔާވާކަމަކަށް ވިޔަސް، ބަހުގެ އިލްމުވެރިން ވަރަށް ހިތާމައާއެކު ފާހަގަކުރާ ކަމެކެވެ.

މިހާރު އެކިބަސްބަހުގެ ނުފޫޒު ދިވެހި ބަހަށް ކުރަމުންގޮސް ދިވެހި ބަހުގެ އަމިއްލަވަންތަކަން މިދަނީ ނެތެމުންނެވެ. ކުރީގައި ދިވެހިބަސް ތަރައްޤީކުރެވިފައިވަނީ، ދިވެހިބަހުގައި ނެތް ބަސްތައް އުފައްދައިގެންނެވެ. އެކަމަކު މިހާރު ބަލަމާތޯއެވެ! މިހާރު ދިވެހިބަސް މުއްސަނދިކުރަންނޭ ކިޔާފަ، ބަސް ބޭނުންކުރާ މީހުން ދިވެހި ބަހުގައި މިހާރު ހުރި ބަސްތައް އުވާލާ އޭގެ ބަދަލުގައި އާ ބަސްތަކެއް ބޭނުންކުރުން ވަނީ އާންމު ކަމަކަށް ވެފައެވެ. އަދި މިއާއެކު ބަހުގެ ހަގީގީ މާނަނޫން އެހެން މާނަތަކުގައި ބައެއްބަސް ތައްވެސް އަންނަނީ ބޭނުންކުރެވެމުންނެވެ. މިސާލަކަށް: “ސަޅީ” ދިވެހި ބަހުގެ ރަދީފުގައި އިންނަގޮތުން ނަމަ މި ބަހުގެ މާނައަކީ “ކަނޑާ ފޮނި” ނުވަތަ “ބޮޑާ” އެވެ. ނަމަވެސް އަދުގެ ބައެއް ދިވެހިންގެ މެދުގައި މިބަސް ބޭނުން ކުރެވެމުން މިއަންނީ ތަފާތު އެހެން މާނައެއްގައެވެ. މިފަދަ ގޮތްތަކަށް ބަސްބޭނުންކުރުމަކީ ދިވެހި ބަހުގެ އަމިއްލަވަންތަކަން ނެތިދާނޭ ކަމެކެވެ.

ދިވެހި ބަހުގެ ބަދަލުގައި އެހެނިހެން ބަހުރުވަ ތަކުގެ ބަސްތައް މޮޅުކޮށްލަން ބޭނުންކުރުމަކީ ދިވެހިބަހަށް ދެވޭ ގެއްލުމެކެވެ. މިއީވެސް ވަރަށް އާންމު ކަމެކެވެ. ދިވެހި ބަސް ނެތިދިޔުމަށް އެޅޭ ފިޔަވަޅުތަކެކެވެ. މިހާރު ދިވެހިބަހަށް އެންމެ ބޮޑަށް ނުފޫޒު ފޯރާފައި މިވަނީ އިނގިރޭސިބަހެވެ.

އާދޭހެވެ! މިއީ ދޮގުވާހަކަ ތަކެކޭ ނުބުނެވޭނެއެވެ. މިހާރުގެ ދަރިންނަކީ މީގެ ހެއްކެކެވެ. ދިވެހިބަސް އޮއްވާ އޭގެ ބަދަލުގައި އިނގިރޭސިބަސް ބޭނުންކުރުމުގެ މިސާލުތަކެކެވެ. އެމީހުންނަށް ގިނަފަހަރަށް ދިވެހިބަހުގައި އޮންނަ ބަސްވެސް ނޭނގޭނެއެވެ. ބައެއް ދިވެހިން މިހާރު ވާހަކަދައްކާއިރު ވެސް އިނގިރޭސި ބަސްބަސް ޖުމްލަރަކުގައި ބޭނުންކުރުން މިހާރު ވަނީ އާންމެ ވެފައެވެ. މިހާރުގެ  ފިހާރަތަކާއި، ޚިދުމަތްދޭ އެކިއެކި އިމާރާތްތަކުގެ ނަންބޯޑުތަކަށް ބަލާލަމާތޯއެވެ. މިތަންތަނުގެ ނަންތައްވެސް މި ހުންނަނީ އިނގިރޭސިންނެވެ. ނުވަތަ ނަމުގެ އެއްބައި ހުންނަނީ އިނގިރޭސިންނެވެ. އަދި އަލަށް އެކިކަހަލަ ވިޔަފާރިތައް ފަށާމީހުންވަނީ އެމީހުންގެ ވިޔަފާރިތަކުގެ ނަމަކަށް ކޮންމެވެސް އިނގިރޭސި ނަމެއް ދެއެވެ. މިސާލަކަށް ބުނާނަމަ “އެވްރީވަންސް ލާރނިންގް ސެންޓަރ”، “ދިވެހި ބަހުގެ އެކަޑަމީ”، “މޯލްޑިވްސް ވޯޓަރ އެންޑް ސެވެރޭޖް ކޮމްޕެނީ” އަދި “ބޭބީ ވޯރލްޑް” ފަދަ ތަންތަނަށް ނަޒަރު ހިންގާލަމާތޯއެވެ؟ މިއީ ހަމަ ދިވެހިންވެސް ނަންކިޔޭނެ ތަންތަނެވެ. ތެދެކެވެ! ނަން ކިޔާނީ ވެރިފަރާތުންނެވެ. އެމީހަކު ނުވަތަ  ބަޔަކު ބޭނުންވާ ގޮތަކަށެވެ. ނަމަވެސް ފާހަގަކޮށްލަން ބޭނުންވަނީ، މިފަދަ ގޮތްގޮތަށް ނަންކިޔުމުން، ދިވެހިންގެ ތެރޭގައި ދިވެހިބަސް ބޭނުން ކުރެވޭ މިންވަރު ދައްވެގެން ދާކަމެވެ. އަދި މިހެން ނަންކިޔާފަ މިހުންނަނީ ކޮންމެހެން ދިވެހި ބަސް ނެތިގެނެއް ނޫނެވެ. އެއީ މޮޅުކޮށްލާށެވެ. ރީތިކޮށްލާށެވެ. ޒަމާނީ ކޮށްލާށެވެ.

މިއީ މިހާރު ދިވެހި ބަސް ހުރި ހާލަތެވެ. މިހެންކަމަށްވާނަމަ ދާދި އަވަހަށް ދިވެހި ބަސްތަކާއި ލަފްޟުތައް ނެތި ހިނގާދާނެއެވެ. މަޑުމަޑުން ވަޅުޖެހެމުންގޮސް އާ ޖީލުތައް އަންނައިރު ދިވެހިބަހާއި އިނގިރޭސިބަސް ވަކި ނުވާވަރަސް މައްސުނި ވެގެން ހިނގާދާނެއެވެ. މިއީ މިހާރު ބިރުގަންނަންވީ ކަމެކެވެ.

ދެންއޮތް ކަމަކީ މިހާރު ދިވެހި ބަހުގެ ހަމަތަކާއި ޤަވާއިދާ ޚިލާފަށް ޖުމުލަތައް ޢިބާރާތް ކޮށްފަ ހުންނަ މައްސަލައެވެ. ޖުމުލަތައް ޢިބާރާތްކޮށްފަ ހުންނަ ގޮތުން ބައެއް ފަހަރަށް އެބުނަން އުޅެނީ ކީކޭ ކަންވެސް ނޭނގޭ ޙާލަތައް ގޮސްފައި އެބަހުއްޓެވެ. ޢިބާރާތްކުރާއިރު ބޭނުން ކުރަން ޖެހޭ ބައެއް ލަފުޟުތައް ބޭނުންނުކޮށް ނުވަތަ ބޭނުންކުރަން ޖެހޭގޮތާ ދިމާ އިދިކޮޅަށް ބޭނުން ކޮށްފައި ހުންނަ ތަން އެބަފެނެއެވެ. ގިނައިން މިކަން ފާހަގަކުރެވެނީ ދިވެހިން ބިދޭސީ(ބަންގާޅީ)ން ނާ މުހާތަބް ކުރާއިރުއެވެ. މިސާލަކަށް “ކަލޭ އަވަސް އަންނަނީ، ބޮސް ދަނީ، ބާރަށް ރޮނީ ބޭނުން ނެތީ” މިފަދަ ގޮތްގޮތަށް ބުނެއެވެ. އަދި ލިޔެފައި ހުންނަ ބައެއް އެއްޗެހީގައިވެސް މިކަން ފާހަގަކުރެވެއެވެ. މިސާލަކަށް “މިދަތުރުގައި އެމަނިކުފާނު މާޅުސްމަޑުލު އުތުރުބުރި، ދެކުނުބުރި، އަދި ފާދިއްޕޮޅުގެ ރަށްރަށަށް ވަދެވަޑައިގަންނަވާނެއެވެ.” މިފަދައިން އެބަ ހުރެއެވެ. މީގެ ރަނގަޅުގޮތަކީ “މިދަތުރުފުޅުގައި އެމަނިކުފާނު މާޅޮސްމަޑުލު އުތުރުބުރީގެ ރަށްރަށާއި، ދެކުނުބުރީގެ ރަށްރަށާއި، ފާދިއްޕޮޅުގެ ރަށްރަށަށް ވަޑައިގަންނަވާނެއެވެ.” މިފަދައިންނެވެ. ދިވެހިބަހުގެ ހަމަތައް މިގޮތަށް ތަކުރާރުވަމުންދާނަމަ ދިވެހިބަސް ބޮއްސުންލައިގެން ދިޔުމަކީ މާދުރުގައި އޮތްކަމެއްނޫނެވެ.

މިއާޚިލާފަށް ދިވެހިބަސް ތަރައްޤީކޮށް މުއްސަނދިކުރުމަށް ކުރެވިދާނެ އެތަކެއް މަސައްކަތްތަކެއް އެބަހުއްޓެވެ. އޭގެތެރޭގައި އެންމެ މުހިންމު ކަމެއްގެ ގޮތުގައި ބެލެވެނީ ދިވެހިބަހަށް މިހާރު އަސަރުކުރަމުން މިދާ ބޭރު ބަސްތައް ބެނުން ނުކުރުމެވެ. ދިވެހިބަހުގައި ހުރި އެބަސްތައް ބޭނުންކުރުމެވެ. އަދި ދިވެހިބަހުގައި ނެތް ބަހެއްނަމަ އެބަހަށް ތަރުޖަމާ ދިވެހި ބަސް އުފައްދާ އެބަހަކާ ދިވެހިން ރަޙުމަތްތެރިކުރުވުމެވެ. މިހާރު ނެތެމުން މިދާ ބަސްތައް ފާހަގަކޮށް އެބަސްތައް ބޭނުންކުރަން ފެށުމެވެ. އަދި ޢިބާރާތް ކުރުމުގައި ހުންނަ އައިބުކަން ރަނގަޅު ކުރުމެވެ. އިބާރާތްކުރާއިރު ވައްޓާލެވޭ ބަސްތައް ބޭނުންކުރުމެވެ. ކުރީގައި ދިވެހި ބަހަށް ހިދުމަތްކުރެއްވި މުޙައްމަދު ޢަމީން ފަދަ ލާމަސީލު ބޭފުޅުން ކުރެއްވި މަސައްކަތް އުވުދިޔަނުދީ ހިފެހެއްޓުމެވެ.

ދިވެހިބަހުގެ އަމިއްލަވަންތަކަން ދެމެހެއްޓުމަށްޓަކައި ބިދޭސީ ބަސްތަކުގެ ނުފޫޒު ފޯރިޔަނުދީ ދިވެހިބަސް ދިވެހި ބަހުގެ ގޮތުގައި ހިފަހައްޓަންވީއެވެ. ދިވެހި ބަހަށް ޤަދަރުކޮށް އޭގެ އަމިއްލަވަންތަކަން އަންނަން އޮތް ޖީލުތަކާ ހަމައަށް ދަމަހައްޓަންވީއެވެ. އެހެން ނޫންނަމަ ދިވެހި ބަސްތައް ބޭނުން ނުކުރުމުގެ ސަބަބުން ހަނދާންނެތި ދުރަށް ޖެހެމުން ވަޅުޖެހެމުންގޮސް އުވިދާނީއެވެ. މިއީ ވިސްނަވާލަންވީ ކަމެއް ނޫންތޯއެވެ؟

Leave a Reply

Your email address will not be published. Required fields are marked *