އިހުގެ ފޮތްތަކުގައި ކީރިތި ރަސޫލާ އާއިމެދު އައިސްފައިވާ ވާހަކަތައް – 1 ވަނަ ބައި

އަޅުގަނޑު މި މައުޟޫއަށް ލިޔަން ފެށުމުގެ ކުރިން ބައެއް ކަންކަން ފާހަގަ ކޮށްލާނަމެވެ.

އަޅުގަނޑު ރާއްޖޭން ބޭރަށް ކިޔަވަން ދިއުމާއިއެކު، އޭގެ ކުރިން ކުރިމަތިވެފައި ނުވާ ކަންކަމަށް ހުށައެޅުނެވެ. އޭގެ ތެރޭގައި އެހެން ދީންތަކުގެ މީހުންނާއި ދޭތެރެ ދޭތެރެއިން ކުރެވޭ ބަޚުސްތައް ހިމެނެއެވެ. އަދި އެމީހުން ކުރިމަތި ކުރުވާ ސުވާލުތައްވެސް ހިމެނުނެވެ. މިގޮތަށް ކުރިމަތިވާ ބައެއް ސުވާލުތަކަށް ޖަވާބުދޭން އެދުވަސްވަރު އެހާ ފަސޭހައެއް ނުވިއެވެ. ނަމަވެސް އަޅުގަނޑަކީ ޙައްޤު ކަމަށް އަޅުގަނޑު ގަބޫލުކުރާ ފަޅިއެއްގައި ހުރެ ބަޚުސެއްގައި ބަލިވާން ބޭނުންވާ މީހެއްނޫނެވެ. ވީމާ، އެފަދަ ސުވާލުތަކަށް ދޭނެ އެކަށީގެންވާ ޖަވާބު ހޯދުމަށް އެތަކެއް ދިރާސާތަކެއް ކުރީމެވެ.

މިގޮތުން އަޅުގަނޑާއި އެންމެ ގިނައިން ސުވާލުތައް ކުރިމަތި ކުރުވީ ކްރިސްޓިއަނުން ކަމަށްވާތީ، އެމީހުން ގެންގުޅޭ ފޮތް ކަމުގައިވާ “ދަ ބައިބަލް” ވެސް ކިޔާ ހެދީމެވެ. ސަބަބަކީ އެމީހުންނާ އެކަށީގެންވާ ޒުވާބެއް ދެވޭނީ އެމީހުންގެ އަޤީދާ ރަނގަޅަށް އެނގި ހުރެ ކަމަށްވާތީއެވެ. އަދި ބައެއްގެ އަޤީދާއަކީ ކޮބައިކަން ހޯދުމަށް އެބަޔަކު ގެންގުޅޭ މުގައްދަސް ފޮތްތަކަށް ވުރެ ވަކިން އެކަށޭނަ އެހެން އެއްޗެއް ނޯންނާނެތީއެވެ. “ދަ ބައިބަލް” އަށް ބެލުމުން އަދި އެހެން ބައެއްގެ އަޤީދާއަށް ވެސް ބެލުނީއެވެ. އެއީ ޔަހޫދީންގެ އަގީދާއެވެ. ސަބަބަކީ ބައިބަލް ގައި ހިމެނޭ “އޯލްޑް ޓެސްޓަމަންޓް” އަކީ ޔަހޫދީންނަށް ނިސްބަތްވާ ފޮތްތަކެވެ. އަދި “ނިއު ޓެސްޓަމަންޓް” އަކީ ޢީސާ عليه السلامގެ ދުވަސްވަރަށް ނިސްބަތްވާ ފޮތްތަކެވެ.

މި ފަތްފުށްތަކަށް ބެލުމުން އަޅުގަނޑަށް އެނގުނު ގޮތުގައި މިޒަމާނުގައި ކްރިސްޓިއަނުންނޭ ކިޔައިގެން މިއުޅޭ މީހުންނާއި އަސްލު ކްރިސްޓިއަން އަޤީދާއާއި ވަރަށް ބޮޑު ތަފާތެއް އެބައޮތެވެ. އަދި، އިހުގެ ފޮތްތަކަކީ އެތައް ބަދަލުތަކެއް ގެނެވި، އުނި އިތުރު ކުރެވި، މާތް ކަލާނގެ ކަލާމްފުޅުގެ ތެރެއަށް އިތުރު އެތަކެއް ކަންކަމެއް ގެނެސް މަސްހުނި ވެފައިވާ ފޮތްތަކެއް ކަމަކު، އެ ފޮތްތަކާއި މެދުވެސް ސާފު ހިތަކާއިގެން ބަލައިފި މީހަކަށް، އިސްލާމް ދީނަކީ ހައްޤު ދީން ކަމާއި، މުޙައްމަދު ނަބިއްޔާ z އަކީ ފަހު ޒަމާނުގެ ރަސޫލާކަން ސާފުކޮށް އެނގޭވަރަށް އަދިވެސް އެ ފޮތްތަކުން ދަލީލު ކުރެއެވެ.

އަޅުގަނޑު ގަސްތު ކުރަނީ، މިދެންނެވި ދިރާސާތަކުން އަޅުގަނޑަށް އެނގުނު ކަންކަން މަަހަލްދީބު.ކޮމް ގެ ކިޔުންތެރިންނާއި ހިއްސާ ކުރުމަށެވެ. ނަމަވެސް، މި މަޢުޟޫ އަށް ދެކެވޭނެ ވާހަކަތައް ގިނަވެފައި ދިގުކަމުން، މި ކަންކަން އަޅުގަނޑު ގެނެސްދޭނީ ބައިބަޔަށް ބަހާލައިގެންނެވެ. މިކަމުގައި ކިޔުންތެރިންގެ ކިބައިން އަޅުގަނޑު އެދޭ އެދުމެއްވެސް އެބަ އޮތެވެ. އެއީ އަޅުގަނޑުގެ ލިޔުންތަކުން ތިޔަބޭފުޅުންނަށް ކުށެއް ފެނިއްޖެނަމަ އެކަމެއް އަޅުގަނޑުގެ ސަމާލުކަމަށް ގެނެސް ދިނުމެވެ.

އިހުގެ ފޮތްތަކުގައި ކީރިތި ރަސޫލާގެ ޚަބަރު ދެއްވާފައިވާ ކަމަށް ކީރިތި ޤުރުއާން ހެކިދެއެވެ.

–          މާތް ﷲ ކީރިތި ޤުރުއާނުގެ سورة الصفގެ 6 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައި ވެއެވެ.

وَإِذْ قَالَ عِيسَى ابْنُ مَرْيَمَ يَا بَنِي إِسْرَائِيلَ إِنِّي رَسُولُ اللَّهِ إِلَيْكُمْ مُصَدِّقًا لِمَا بَيْنَ يَدَيَّ مِنَ التَّوْرَاةِ وَمُبَشِّرًا بِرَسُولٍ يَأْتِي مِنْ بَعْدِي اسْمُهُ أَحْمَدُ ۖ فَلَمَّا جَاءَهُمْ بِالْبَيِّنَاتِ قَالُوا هَٰذَا سِحْرٌ مُبِينٌ

“އަދި مريمގެފާނުގެ ދަރިކަލުން عيسىގެފާނު ވިދާޅުވިހިނދު (ހަނދުމަކުރާށެވެ!) އޭ إسـرآءيـلގެ ދަރިންނޭވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނީ، ތިޔަބައިމީހުންގެ ގާތަށް اللَّهފޮނުއްވި رسولއާއެވެ. ތިމަންކަލޭގެފާނުގެ ކުރީގައިވާ توراةގެ حكمތައް ތެދުކުރައްވާ ބޭކަލަކު ކަމުގައެވެ. އަދި ތިމަންކަލޭގެފާނަށްފަހު أحمدއެވެ ނަމަކަށް ކިއުނު رسولއަކު ވަޑައިގަންނަވާނޭކަމުގެ އުފާވެރި خبرދެއްވާ ބޭކަލަކު ކަމުގައެވެ. ފަހެ، އެއުރެންގެ ގާތަށް ފާޅުވެގެންވާ ހެކިތަކާއެކު އެކަލޭގެފާނު ވަޑައިގެންނެވިހިނދު އެއުރެން ބުނޫއެވެ. މިއީ ފާޅުވެގެންވާ ޖާދޫއެކެވެ.”

–          މާތް ﷲ ކީރިތި ޤުރުއާނުގެ سورة الأعرافގެ 157 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައި ވެއެވެ.

“އެއުރެންނީ، أمّى ނަބިއްޔާ ކަމުގައިވާ رسول އާއަށް تبع ވާ މީހުންނެވެ. އެ رسول އާއި، އެއުރެންގެ ގާތުގައިވާ توراة އާއި، إنجيل ގައި (رسول އާގެ ސިފަފުޅުތައް) ލިޔެވިގެންވާތީ، އެއުރެންދެކޭ رسول އެވެ…”

މި ދެ އާޔަތުން ދަލީލު ކުރަނީ އިހުގެ ފޮތްތަކުގައި ކީރިތި ރަސޫލާ z ގެ ޚަބަރު މާތް ﷲ ދެއްވާފައިވާނެ ކަމެވެ. އެހެންކަމުން، މަސްހުނިވެ އުނި އިތުރުވެފައި ހުއްޓެއް ކަމަކު، މިހާރު ފެންނަންހުރި ފޮތްތަކުގައި މިޚަބަރު އަދިވެސް އެބަ އޮތްތޯ ބަލާލަމާ ހިނގާށެވެ.
(ނުނިމޭ)

މުޙައްމަދު ޢާމިރު

މުޙައްމަދު ޢާމިރު

Mohamed Amir is the administrator of Mahaldheeb.com

1 Response

  1. Avatar އަހުމަދު says:

    އިންޓްރެސްޓިންގ. ދެވަނަ ބައި ކިޔާހިތް ވެއްޖެ.

Leave a Reply

Your email address will not be published. Required fields are marked *