ޔޫލިން

yoolin
(ދެވަނަބައި)
އޭގެ އަނެއް ދުވަހެވެ. ގޭގައި ކުރަން ހުރި ބައެއް ކަންކަން ނިންމާލުމަށްފަހު އަހަރެން ދިޔައީ އައިނީމެން ގެޔަށެވެ. ދިޔަ މަގުމަތީ އަހަރެންނަށް އަކުރަމް ފެނުނެވެ. އަދި އޭނާއަށް ބަލަން ހުރެވުނެވެ. އެރީތި އިސްކޮޅާއި ބުރުސޫރަ ފެނި އަހަރެންނަށް ކުރިޔަށް އެންމެ ފިޔަވަޅެއްވެސް ނޭޅުނެވެ. އަކްރަމް ފެނުމާއުކު އަހަރެންގެ ހިތުގެ ވިންދު އަވަސްވާން ފެށިއެވެ. ބުނަން ނޭނގޭ ކަހަލަ އިޙްސާސްތަކެއް ކުރެވެން ފެށިއެވެ.

އޭ ބަލަ މަންޖޭ..! ކޮން ހިޔާލަކަށް ގެއްލިފަ ތިހުރީ..؟ އަނެއްކާ އަކުރަމާ ކައިވެނިކޮށް ދަރިންތަކެއް ހޯދީތަ..؟ އަހަރެންނަށް ހޭވެރިކަން ވީ އައިނީ އައިސް އަހަރެންގެ ގައިގައިހިފާ ތަޅުވާގަތުމުންނެވެ. އާނއެކެވެ! އަހަރެން ހުރީ ހަމަ އަސްލުވެސް އަކްރަމްއާއެކު އެއުފާވެރި ދުނިޔެއަށް ގެއްލިފައެވެ. އައިނީގެ ސުވާލުތައް ތަކުރާރުކުރިއެވެ. އަހަރެންނަށް ބުނާނެ އެއްޗެއް ނޭނގި ލަދުންހުރެ އިސްޖަހާލެވުނެވެ.

އެރޭ އައިނީއާއެކު ވަރަށް ލަސްވަންދެން ބޭރުގައި އުޅުނީމެވެ. ރަށުގައި ކިޔަވަން އުޅުނު އިރުގެ ރައްޓެހިންނާއެކު ކޮފީއެއްގައި އެތައް ވަގުތެއް ހޭދަކުރީމެވެ. އެހާ ދުވަސް ކޮށްފައި ދިމާވުމުން ދައްކަންޖެހޭ ވަރަށް ގިނަ ވާހަކަ ހުރުމުންނެވެ. ގަޑިން އެގާރަ ޖެހީއެވެ. “އޭ މަންމަ މިހާރުހޯދާނެ… ކަލޭމެން މާލޭގަ އެތައް އިރަކު ބޭރުގަ އުޅުނަސް މިރަށުގަ އެހެންނުވާނެ… މީހުންގެ އަނގަޔާ ހެދީވެސް އަންހެން ކުއްޖަކަށް ލާހިކެއްނޫން ލަސްވަންދެން ބޭރުގަ އުޅޭކަށް” އައިނީ އަހަރެން ގައިގަ ކޮށްޓާލަމުން ބުނެލިއެވެ. އަހަރެންވެސް އާނއެކޭ ބުނެ، ބިލް ގެނައުމަށް ވެއިޓަރ ކައިރިން އެދުނީމެވެ. ބިލް ގެނައުން ލަސްވުމުން، އަހަރެން ކައުންޓަރުދޮށަށް ބިލް ދައްކަންދިޔައީމެވެ. އަވަސް ކުރުމުގެ ގޮތުންނެވެ.

ކައުންޓަރުގައި ހުރީ އަހަރެންގެ ކުރީގެ ލޯބިވެރިޔާ ނާސިހް އެވެ. އޭނާހުރީ އަހަރެން ފެނުމާއެކު ބަސްހުއްޓިފައެވެ. ބުނާނެ އެއްޗެއް ނޭނގިފައެވެ. އޭނާ ނިޔަނެތި ގޮތަކަށް އަހަރެންނަށް ގޮވާލިއެވެ. “ޔޫލިން..! ކޮންއިރަކު ރަށަށް އައީ..؟” އޭނާގެ އަޑުގައިވަނީ މަޑުމައިތިރިކަމެވެ. އަހަރެންނާމެދު ބަހައްޓާ އޯގާތެރިކަމާ އަހަރެންނަށް ކުރާ އިހްތިރާމް އޭނާގެ އަޑުން އަހަރެންނަށް އިހްސާސްވިއެވެ. އޭނާއަކީ އަހަރެންނާ ރައްޓެހިވެގެން އުޅުނު އިރުވެސް އަހަރެންދެކެ ވަރަށް ލޯބިވި ކުއްޖެކެވެ. ރުޅިވި ފަހުންވެސް އަހަރެންނަށް އުނދަގޫކޮށް ޖެއްސުންކޮށް ހަދާފައެއްނުވެއެވެ. “އިއްޔެ ފެރީން އައީ.. ކިހާވަރެއްތަ ބިލަށް އެރީ..؟ މާގިނަ ވާހަކަ ދައްކަން އަހަރެންނަށް އޭނާ ކުރިމަތީ ހުންނާކަށް ނުކެރުނެވެ. އަހަރެން ފެނިފައި އޭނާ ހުރީ ވަރަށް ދެރަވެފައިކަން އަހަރެންނަށް އިނގޭތީއެވެ. އެރިވެތި ދެލޮލުގެ ފަހަތުގައި ކަރުނައިގެ ކޯރެއް ވާކަން އިނގޭތީއެވެ. އެ ހިނިތުންވުމުގެ ފަހަތުގައި އަނިޔާއާ ހިތްދަތިކަން ތަޙައްމަލް ކުރާ ހިތެއްވާކަން ޔަގީންވާތީއެވެ. ނަމަވެސް އޭނާ އަހަރެންގެ ކުރިމަތީގައި ކެތްތެރިވަނީއެވެ. އޭނާ އިހްސާސްކުރަމުންދާ ހިތި ހަގީގަތް ފޮރުވަން މަސައްކަތްކުރަނީއެވެ. އަހަރެން އެރޭ ގެޔަށްދިޔައީ ނާސިހް އަށް ދެވުނު ހިތްދަތިކަން އިހްސާސްވެ އެކަމާ އިންތިހާއަށް ދެރަވެފައިވާ ހާލުއެވެ.

އާނއެކެވެ. ލޯތްބަކީ ވަރަށް ފާޑެއްގެ އެއްޗެކެވެ. ހިތި ރަހަޔާ ހިތްގައިމު މަންޒަރުތައް އެލޯބި ދައްކުވައިދެއެވެ. ނާސިހް އަހަރެންނަށް ދިނީ އުފާވެރިކަމާ ހިތްހަމަޖެހުމެވެ. އޯގާތެރިކަމާ އަޅާލުމެވެ. ނަމަވެސް އަހަރެން ނާސިހްއަށް ދިނީ ކޯއްޗެއް ހެއްޔެވެ. ހިތްދަތިކަމާ ވޭނާ ކެކުޅުމެވެ. ވަކިނުވާންބުނެ އާދޭސްކުރަމުން ދިޔައިރުވެސް، އަހަރެން އޭނާ ދޫކޮށްލީމެވެ. މިއަދު އަހަރެން އޭނާއަށް ހަމްދަރުދީވަމެވެ. މިއަދު އަހަރެން އޭނާ ގާތު މާފަށް އެދެން ބޭނުމެވެ. ނާސިހްގެ ހިޔާލުތަކުގައި އަހަރެން އޮއްވާ ނިދުނީ ކޮންއިރަކު ކަމެއްވެސް ނޭނގުނެވެ.

“ދަރިފުޅާ..! ދަރިފުޅާ..!” ހޭލެވުނީ މަންމަ އަހަރެން ނުހޭލައިގެން ލަސްވެގެން ގޮވަން ފެށުމުންނެވެ. އަވަސް އަވަސް ކޮށްލައިގެން ތެދުވެ ފާހާނާއަށް ވަދެ ފެންވަރާ ހަދައިގެން ސައިބޯން ކާގެއަށް ދިޔައީމެވެ. އޭރު މަންމަ ހުރީ ތަށިތައް ނަގާށެވެ.

“ދަރިފުޅާ ކީއްވެ ލަސްވީ..؟ އެހެންނޫނީ ހޭލާ ގަޑިއެއް ނޫނެއްނުމީ..” މަންމައަކީ އަހަރެންގެ ކަންކަން އެންމެ ފުރިހަމަ ގޮތުގައި ދަންނަ ހަމައެކަނި އިންސާނާއެވެ. އަހަރެން ދެރަވެފައި ހުއްޓަސް، އުފާވެފައި ހުއްޓަސް، ކަމަކާއި ހާސްވެފައި ހުއްޓަސް، ހިންހަމަ ނުޖެހިފައި ހުއްޓަސް މަންމަ އެކަމެއް ދެނެގަނެއެވެ. އަދި އެކަންކަމުގައި މަންމައަށް ވެދެވެންއޮތް އެންމެ ފުރިހަމަ އެހީތެރިކަމެއް ވެދެއެވެ.

“ރޭގަ ނިދުނީ މާ ލަހުން.. އެހެންވެ ލަސްވީ..” މަންމައަށް އެކަން ހާމަކުރާކަށް އަހަރެން ބޭނުމެއްނުވިއެވެ. “މަންމާ މިއަދު ވާނެ މެންދުރަށް ވަރަށް މީރުއެއްޗެއް ހަދަން ދޯ..؟” ވާހަކަ އޮޅުވާލުމުގެ ގޮތުން އަހަރެން ބުނެލީމެވެ. އަދި މަންމަ އަތުން ލާރި ނަގައިގެން ފިހާރައަށް ދިޔުމަށް ގެއިން ނިކުތީމެވެ. ފިހާރަތެރެއިން އަހަރެންނަށް އަކްރަމް ފެނުނެވެ. އޭރު އަކްރަމް ހުރީ އަހަރެންނާ ދިމާއަށް ބަލާށެވެ. ކަޅިޖަހާނުލާ ބަލަން ހުރުމުން ލަދުން ފައިއޮޅި ނުވެއްޓުނީ ހަމަ ކިރިޔާއެވެ. ހިތުގެ ވިންދު އަވަސްވެ އަތްފައި ފިނިވާންފެށިއެވެ. އޭނާ އަހަރެންނާ ދިމާއަށް އަންނަތަން ފެނުމުން މޭގެ ތެޅުން އިތުރަށް ގަދަވާންފެށިއެވެ.

(ނުނިމޭ)

ސިޔާޒް ޖާބިރު

ސިޔާޒް ޖާބިރު

Siyaaz Jabir is the former editor of Mahaldheeb.com

Leave a Reply

Your email address will not be published. Required fields are marked *