…އެމީހަކާއި އެމީހެއް

male_maldives
ރާއްޖެތެރޭގެ ރަށްތަކުގެ ކުދިން ރަށުން ކިޔެވުމަށްފަހު އިތުރަށް ކިޔެވުމަށް ޖެހެނީ މާލެ އަންނާށެވެ. މާލެއިން ނުލިބޭ ތަޢުލީމު ހޯދުމަށް ރާއްޖެއިން ބޭރަށް ދާ އުސޫލުންނެވެ. އާންމުގޮތެއްގައި ރާއްޖެތެރޭގެ ރަށްތަކުގައި އޯލެވެލް ނުވަތަ އޭލެވެލް އަށްވުރެ މައްޗަށް  ކިޔެވޭނެގޮތް ހަމަޖެހިފައި ނުވާތީއެވެ. އަދި ލިބޭ ނަތީޖާ އިތުރަށް ރަނގަޅު ކޮށްލުމަށްވެސް މާލޭގައި ދޮރުތައް ހުޅުވިފާ ހުރީތީއެވެ. ރަށުން ކިޔަވާދެވެން ހުރިވަރަކަށް ކިޔަވައިދިނުމަށްފަހު  އެލިބޭ ނަތީޖާ އަކައިގެން ކިޔަވާދިނުމުގެ އިތުރު ހަރުފަތެއް ގިރާކުރުވުމަށް މާލެ ފޮނުވަނީ ބެލެނިވެރިން  އެމީހުންގެ ދަރިންނަށް ކިޔަވައިދިނުމަށްދޭ އަހައްމިޔަތެއްގެ ބޮޑުކަމުންނެވެ. އެމީހުންގެ ދަރިން ކިޔަވައި، މުޖްތަމަޢުގައި ބޭނުންނުންހިފޭ ބަޔަކަށްވެ، އަމިއްލަ ފައިމަށްޗަށް ކޮޅަށްތެދުވެ ހިނގާތަން ދެކެން ބޭނުން ވާތީއެވެ. މިކަމަށްޓަކައި އެމީހުންގެ ޖާނާ މާލުން ހޭދަ ކުރެއެވެ.

މައިންބަފައިންގެ ކައިރީގައި ކިޔެވުމުގެ ހަޔާތް ވޭތުކުރުމަށްފަހު ކިޔަވަން މާލެ ބަދަލުވާ ހިސާބުން  ކުދިންނަށް ޖެހެނީ މުޅިން އާ ތަޖުރިބާތަކެއް ކުރާށެވެ. ޖާގައިގެ ގޮތުން ކުޑަތަންކޮޅެއްގައި އުޅެންޖެހުމެވެ. ކޮންމެ ދުވަހަކު މައިންބަފައިން ކޮށްދިން ކަންތައްތައް އަމިއްލައަށް ކުރަންޖެހުމެވެ. މިހެން ގޮސް އެތައްއެތައް ބައިވަރު ކަންތައްތަކެކެވެ. ހުރުމުގެ ކަންކަން އާއިލާގެ ކޮންމެވެސް ބައެއް އުޅޭ ގެއަކުން ހަމަ ޖައްސާއިރު އަނެއްބައި ކުދިންނަށް އެކަން ހަމަ ޖެހެނީ  ކުދިން ބައިތިއްބާ ގޭގެއިންނެވެ. ތަފާތު މިޖާޒުގެ ކުދިންނާއި އެކު ކުއްލިއަކަށް މިދިރިއުޅުން ތަޙައްމަލް ކުރަމުން ކިޔެވުމަކީ ފަސޭހަ ކަމަކަށް ނުވެއެވެ. މައިންބަފައިން ކޮންމެ ދުވަހަކު ގުޅައި ހާލުބަލައި ހެދިކަމުގައި ވިޔަސް މެއެވެ. ކެއުމުގެ ކަންކަމާއި ހިންހަމަ ޖެހޭ ކުދިން މަދުވާނެއެވެ. އަދި ކެއުމުގައި ރަށުގައި ހަދާލާ އަމިއްލަ ގޮތްގޮތް ހަދާލުން އެހާ ފަސޭހައެއް ނުވާނެއެވެ. އާއިލާގެ ބަޔަކު ކައިރީގައި ހުރި ނަމަވެސް އެންމެނަށް މީރުކޮށް އެއްޗެއް ތައްޔާރު ކުރުމަކީ ކައްކާ މީކަށްވެސް ފަސޭހަ ކަމެއް ނޫނެވެ. އެހެންކަމުން ދެން ޖެހޭނީ  ބޭރަށް ގޮސް ހިންހަމަޖެހޭ ތަނަކުން އެއްޗެއް ކާށެވެ.  ގެއެއްގައި އެތައް ބައިވަރު ބަޔަކު އުޅޭއިރު ފާހާނައަށް ވަދެ ބޭނުންއިރެއް ވަންދެން ހުރެވޭކަށް ނޯންނާނެއެވެ. އެއް ގަޑިއަކަށް ތަންތަނަށް ދާންޖެހޭ އެތައް ބަޔަކު އުޅޭނެތީއެވެ. ހިންހަމަޖެހޭ ވަރަށް ފެންވަރައި ނުލެވުނު ކަމުގައި ވިސްޔަސް މެއެވެ. ފެންވަރައިގެން ނުކުންނައިރު ހަނދާން ނެތިގެން ނަމަވެސް އިސްތިރި ނުކުރެވި ހުރިނަމަ އަނެއްކާ އަނެއް ކަންތަކާ ޖެހުނީއެވެ. އެއީވެސް ގިނަފަަހަރު އަމިއްލައަށް ކުރަންޖެހޭ ކަމެކެވެ. އަންހެން ކުއްޖެއްނަމަ އަދި ލޯގަނޑު ކުރިމަތީގައި އެތައްއިރެއް ހޭދަކުރާނެއެވެ. ތައްޔާރުވަމުން ބޭބެއަށް ގުޅާލާއިރު ގިނަ ފަހަރަށް ކޮންމެވެސް ސަބަބަކާހުރެ ކުލާހަށް ގެންދަން އާދެވޭނެ ގޮތެއް ނުވާނެ އެވެ. ދެން ޖެހޭނީ ހިނގާފައި ދާށެވެ. އެކަމުގައި މާފަސޭހަ ގޮތެއްވެސް އެބައޮތެވެ. ކާރަކަށް ގުޅާލާނީއެވެ. ގަޑި ކުޑަތަންވެގެން އުޅޭމީހަކު ކާރަކަށް ގުޅައިގެން ކާރެއްގައި ދޭވޭއިރު ހުންނާނީ ފަނަރަ މިނެޓެއްހާއިރު ހިނގާފައެވެ. އޭރުންވެސް އެދެވުނީ ގަޑިޖެހިގެނެވެ. ނޫންނަމަ ދާހިއްލާ ފޯވެގެން ތެޅެމުން ފޮޅެމުން  ނަމަވެސް ގަޑިއަށް ދިއުން ނޫންގޮތެއް ނޯންނާނެއެވެ. ކްލާސް ނިމިގެން ގެއަށް އަންނައިރު ހުންނާނީ ވަރަށް ވަރުބަލި ވެފައެވެ. ރަނގަޅަށް ނިދާލާފައި ހޭލައިގެން ފިލާވަޅު ހަދާލާފައި އަމިއްލަ ކަމެއް ކޮށްލާނެ މާގިނަ ވަގުތެއް ނޯންނާނެއެވެ. ކޮންމެ ކަމެއްގައި ނަމަވެސް ރޭގަނޑު ލަހުން ނިދަން އާދަވެއްޖެ ނަމަ ދުވާލު ގަޑީގައި ނިދުން ނޫންގޮތެއް ނޯންނާނެއެވެ. ފިރެހެން ކުއްޖެއްނަމަ ބުރުޖަހަން ދިއުމާ ކޮފީ އަށް ދިއުން ބިޒީ ޝެޑިއުލްގެ ތެރެއަށް ވަދެގެން ދާނެއެވެ.މިހެން ވުމުން ނިންމޭނީ ވެސް ކޮންމެހެން ނިންމަންޖެހޭ ފިލާވަޅެކެވެ.

އެއްގޮަތަކަށްވެސް ކުދިން ކިޔެވުމަށް އިސްކަން ނުދެނީއެކޭ ނުބުނާނަމެވެ. މިއީ އާންމު ގޮތެއްގައި ކުދިންނަށް  ދިމާވާ ކަަންތައްތަކުގެ ތެރެއިން މަދު ކަންތައްތަކެވެ. މިގޮަތަށް ދިމާވުމުން ކަންވާނީވެސް މިހެންނެވެ. މިއީ މާލޭގައި ކިޔަވަން އުޅޭކުދިން ކުރާ ތަޖުރިބާކަން އެންމެންވެސް އެއްބަސް ވާނެއެވެ. މިއީ ވަކިމީހެއްގެ މައްސަލައެއްވެސް ނޫނެވެ.

މިކަންކަން މިގޮަތަށް ދިމާވެޔޭ ބުނެ މިވާހަކަ ދެއްކުމަކީ ހައްލެއްނޫނެވެ. ހައްލުކުރާނެ ގޮތެއް ރާވާލައި ކުޑަކޮށް ވިސްނާލަމާ  ހިނގާށެވެ. ޖާގައިގެ ދަތިކަން ދެން ހައްލު ކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. ކޮންމެ ތަނެއްގައި އުޅެންވެސް މީހާ ހޭނުމަކީ މުހިއްމު ކަމެކެވެ.  އެކިމިޖާޒުގެ މީހުންނާއި އެކު އުޅެން ދަސްކުރަން ޖެހެއެވެ. އެރުން ގިނަ ބަޔަކާއި އެކު އުޅެން ދަސްވެ އެމީހުންގެ ފަރާތުން ކަންކަމުގައި އެހީތެރިކަން ލިބޭނެއެވެ. އަދި  ރަނގަޅު ރަޙްމަތްތެރިން ހޯދަން ފަސޭހަ ވާނެވެ. އެހެނަސް ތިމާއަން ކުރެވޭ ކުދިކުދި ކަންކަން ކުރުމަށް ރަޙްމަތްތެރިން ކައިރީގައި އާންމުކޮށް ބުނުން އެހާ ރަނގަޅެއްނުވާނެއެވެ. ކެވޭނެ ގޮތް ހަމަ ޖެހިފައި ހުންނަ އިރު ބޭރުން ކެއުން އާދަ ވެއްޖެ ނަމަ އަތުން އެދަނީ ބޭކާރު ޚަރަދެކެވެ. އޭރުން ކަމުދާނީ ވެސް މުޅިން ބޭރުން ކާއެއްޗިއްސެވެ. މަސް ނުނިމެނިސް އަމިއްލަ ކުދިކުދި ކަންކަން ކުރަން ހުންނަ ލާރި ކޮޅު ނޭންގިހުއްޓާ އަރައިގެން ދާނެއެވެ. ރައްޓެހިން އަތުން ފަހުންދޭގޮަތަށް ލާރި ނަގާނަމަ އެކަން ހުއްޓާލާށެވެ. ދުވާލަކަށް ކުރާނެ ކުދި ޚަރަދުތައް ވަކި ލިމިޓް އެއްގައި ބަހައްޓާށެވެ.  މިއީ ލިމިޓް އަށްވުރެ މަށްޗަށް ޚަރަދު ދިޔަނުދީ މެނޭޖްކޮށް ހިފަހައްޓާލަން ފަސޭހަ ގޮތަކަށް ވާނެއެވެ. އޭރުން ލާރި ގެންގުޅެން ދަސްވާނެއެވެ.  ގަޑިޖެހިގެން ތަންތަނަށް ދިއުމަކީ އާދަ ވެއްޖެނަމަ ބައްޔަކަށް ވެދާނެކަމެކެވެ. އޮފީސްތަކަށް ވަޒީފާއަށް ދާމީހުން ކަމަކާނުލާ ސަލާން ހެއްދުންވެސް މިފަދައެވެ. ގިނަ މީހުން ގޭގައި އުޅޭނަމަ ކުރިންހޭލުން މުހިންމެވެ. ކުރީބައިގައި ހޭލުމަކީ ދަންވަންދެން ފިލްމް ބެލުމާއި ސޯޝަލް މީޑިއާ ތަކުގައި ވަގުތު ހޭދަ ނުކުރާމީހަކަށް  އުނދަގޫ ކަމެއް ނޫނެވެ. ގެންގުޅޭ ތަކެތި އެއްތަނެއްގައި ބެހެއްޓުމަށް އާދަކުރާށެވެ. އެރުން އެއްޗެއް ނުފެނިގެން އެއެއްޗެއް ހޯދަން ދާނެ ވަގުތު ސަލާމަތްވީއެވެ. ތިމާ ފެންވަރައި ތައްޔާެރު ވެގެން ގެެއިން ނުކުމެވެނީ ކިހާ ވަގުތަކުންތޯ ބަލާށެވެ. އަދި  ގެއިން ދާންޖެހޭ ތަނަކަށް ހަމަޖެހިލައިގެން ދިއުމަށް ނަގާނެ ވަގުތު ބަލާށެވެ. އޭރުން އެއޮތީ ގަޑިއަށް ދާން ބޭނުންވާ މީހަކު އެންމެ ލަސްވެގެން ހޭލަންޖެހޭނެ ގަޑި އެނގިފައެވެ. ގަޑިއަށް ބަލަމުން ތައްޔާރުވާ މީހަކަށް އޭރުން، ލަސްވަމުން ދާނަމަވެސް ހަރަކާތްތައް އަވަސްކޮށްލަން ފަސޭހަވާނެއެވެ. މިގޮތަށް މިކަން ކުރެވޭ ނަމަ އެއޮތީ ޓައިމް މެނޭޖް ކުރަން ދަސްވެފައެވެ. އޭރުން ހުރިހާކަމެއްވެސް ގަޑިން ގަޑިއަށް ވަގުތުގައި ކުރުމަށް އާދަކުރަން ފަސޭހަ ވާނެއެވެ.  ތަންތަނަށް ގަޑި ޖެހިގެން ދިއުމަކީ ހަޑި އާދައެއް އަދި ލަދުގަންނަންވެސް ޖެހޭ ކަމެކެވެ. އޭރުން މިލަދުންވެސް ސަލާމަތް ވެވުނީއެވެ. ތިމާބެނުންވާ ކަމެއް ހާސިލްކުރުމަށް ހުރި އުނދަގޫތަކަކީ ކޮބާތޯ ވިސްނާލާށެވެ. އަދި ޙާސިލްކުރަން ބޭނުންވާ ލަނޑުދަނޑިއަކީ ކޮބައިކަން ހަނދާން ނައްތާނުލާށެވެ. އަމިއްލަ އަށް ހައްލުނުކުރެވޭނެ ކަންކަން މަދުވާނެއެވެ. މިއީ އަމިއްލައަށް ވިސްނާލައިގެން ހައްލުކޮށްލެވިދާނެ ކަންކަމެެެވެ. ހާލަތަށް މީހާ ހޭނެން ދަސްވުމުން، ކަންކަން ކުރުމަކީ އުނދަގޫކަމެއް ނޫނެވެ.

Ahmed Yasir

Ahmed Yasir

Ahmed Yasir is a musician, a song writer and a melodist.

Leave a Reply

Your email address will not be published. Required fields are marked *