އިހުގެ ފޮތްތަކުގައި ކީރިތި ރަސޫލާ އާއިމެދު އައިސްފައިވާ ވާހަކަތައް – 3 ވަނަ ބައި

އޯލްޑް ޓެސްޓަމަންޓް އިން އަދިވެސް ބައެއް އާޔަތްތަކަށް ބަލާލާނަމެވެ.

“And the book is delivered to him that is not learned saying, ‘Read this, I pray thee’; and he saith, ‘I am not learned’ ”
Book of Isaiah Chapter 29 Verse 12

މިއީ ބުކް އޮފް އައިޒާޔާ (ޢަރަބި ބަހުން އިޝީޢްޔާ) ގެ 29 ވަނަ ޗެޕްޓަރުގެ 12 ވަނަ އާޔަތެވެ. މާނައީ “ލިޔަން ކިޔަން ނުދަންނަ އެމީހާއަށް ‘އަހުރެން ތިބާގެ ކިބައިން އެދެމޭ، މި ކިޔާށޭ’ ބުނަމުން، ފޮތް ފޯރުކޮށްދިނުމުން އޭނާ ބުނާނެއެވެ، ‘އަހަރެންނަކަށް ކިޔާކަށް ނޭނގެއެވެ’ “.
އާދެ، މުޙައްމަދު ގެފާނު ހިރާ ފަރުބަދައިގެ ހޮހަޅައިގައި އިންނަވަނިކޮށް ވަޙީގެ މަލާއިކަތާ ޖިބްރީލު ގެފާނު ވަޑައިގެން އެންމެ ފުރަތަމަ ވިދާޅުވި ބަސްފުޅަކީ “اقْرَأْ” މިހެންނެވެ. މާނަޔަކީ “ކިޔާށެވެ/އަޑުދަށުން ކިޔާށެވެ/ކިޔަވާ ވިދާޅުވާށެވެ”. ޖަވާބަކަށް މުޙައްމަދު ގެފާނު ވިދާޅުވީ “އަހުރެންނަކީ ކިޔަވާ/ކިޔާ މީހަކީމެއް ނޫނެވެ” މިހެންނެވެ.
އާދެ، ބަނީ އިސްރާއިލުންގެ ދަރިކޮޅުން ވަޑައިގަތް އެއްވެސް ނަބީއަކާއި މެދު މިފަދައިން ކަންތައް ވެފައެއް ނުވެއެވެ. މުޅި ބައިބަލް އެއްކޮޅުން އަނެއް ކޮޅަށް ބެލިޔަސް އެއްވެސް ނަބީއަކާއި މެދު މިފަދައިން ކަންތައް ހިނގި ކަމަކަށް ނުފެންނާނެއެވެ.
އަދި މުޙައްމަދު ގެފާނު ފިޔަވައި أمي ނަބީއަކު ފޮނުއްވިކަން އެއްވެސް މަސްދަރަކުން ފެންނާކަށް ނެތެވެ. އެހެންކަމުން، ބުކް އޮފް އައިޒާޔާގެ 19 ވަން ޗެޕްޓަރުގެ 12 ވަނަ އާޔަތުގައި އެވަނީ މުޙައްމަދު ގެފާނަށް ވަޙީ ބާވާލައްވާނެ ކަމުގެ ޚަބަރެވެ. އަދި އެންމެ ފުރަތަމަ ވަޙީ ބާވައިލެއްވޭ ހިނދު ކަންތައް ވާނެ ގޮތުގެ ޚަބަރެވެ.

ކީރިތި ރަސޫލާގެ ސީދާ ނަންފުޅު ބައިބަލްގެ އޯލްޑް ޓެސްޓަމަންޓް ގައި

“Hikko Mamittakim we kullo Muhammadim Zehdoodeh wa Zehrace Bayna Jerusalem.”
Song of Solomon Chapter 5 Verse 16

ސޯންގް އޮފް ސޯލަމަން ގެ މި އާޔަތް ނަގާފައި މިވަނީ ހިބްރޫ ބައިބަލް އިންނެވެ. ހިބްރޫ ބަހަކީ އޯލްޑް ޓެސްޓަމަންޓްގެ އަސްލު ބަސް ކަމަށް ބުނެވެއެވެ.
މި އާޔަތުގެ މާނައަކީ “އެކަލޭގެފާނުގެ ބަސްފުޅު އެންމެ ރިވެއްޗެވެ. އެއީ މުޙައްމަދު ގެފާނެވެ. އެއީ އަހުރެންގެ ލޮބުވެތި ކަލޭގެފާނެވެ. އެއީ އަހަރެންގެ ރަޙްމަތްތެރިޔާއެވެ. އޭ ޖެރޫސަލަމްގެ އަންހެން ދަރިންނޭވެ”.
މި އާޔަތަށް ބަލާއިރު، މުޙައްމަދު މި ނަމުގެ ފަހަތަށް ‘އިމް’ އައިސްފައި ވެއެވެ. އެއީ ހިބްރޫ ބަހުން މާތް މީހުންނަށް އިޙްތިރާމް ކުރުމުގެ ގޮތުން އެބޭބޭފުޅުންގެ ނަންފުޅުގެ ފަހަތަށް އިތުރު ކުރާ ބައެކެވެ. އެއީ ނަބީ ބޭކަލުންނާއި، ކީރިތި ރަސޫލާގެ ސަޙާބީންނާއި އަދި މަލާއިކަތުންގެ ނަންފުޅުގެ ފަހަތަށް ދިވެހި ބަހުން ‘ގެފާނު’ އިތުރު ކުރާ ބީދައިންނެވެ. މިގޮތަށް ‘އިމް’ އިތުރު ކުރާނީ މީހަކަށް ނުވަތަ ވަކި ފަރުދަކަށް ކިޔާ ސީދާ އެފަރާތުގެ ނަމުގެ ފަހަތަށެވެ.
ނަމަވެސް ބައިބަލް އިނގިރޭސި ބަހަށް ތަރުޖަމާކުރި މީހުންވަނީ ތަރުޖަމާ ކުރުމުގެ އުސޫލާއި މުޅިން ޚިލާފުވެ، ވަކި ފަރުދަކަށް ކިޔާ ނަމެއް(Proper Name)، ނަން އިތުރަކަށް ހަދައިގެން އިނގިރޭސި ބަހަށް ގެނެސްފައެވެ. “މުޙައްމަދްއިމް” އެމީހުން އިނގިރޭސި ބަހަށް ތަރުޖަމާ ކޮށްފައިވަނީ “altogether lovely” މިގޮތަށެވެ. މިއީވެސް ބައިބަލްގެ އަސްލު ގެއްލެން ދިމާވި އެއް ސަބަބެވެ.
މިސާލަކަށް އެމީހުން “Mr.Gates” ތަރުޖަމާ ކުރާނަމަ ލިޔާނީ “ދޮރޯށިތައް” މިހެންނެވެ. މިގޮތަށް ކިތަންމެ ނަމެއް، ނަން އިތުރަށް ހަދައިގެންނާއި އަދި ނަމުގައި ހިމެނޭ މާނައަށް އެމީހުން ތަރުޖަމާގައި ލިޔެފައި ވެއެވެ.
ސޯންގް އޮފް ސޯލަމަންގެ މިދެންނެވި އާޔަތުން އަދި އިތުރު ކަމެއް ފާހަގަވެއެވެ. އެއީ ‘ލޮބުވެތި ކަލޭގެފާނު’ މިތަންކޮޅެވެ. އާދެ، މާނަޔަކީ ‘ޙަބީބު’ އެވެ. އެއީ ކީރިތި ރަސޫލާގެ ނަން ފުޅެކެވެ.
މިހާ ހިސާބަށް އަޅުގަނޑު މިހިމަނާލީ އޯލްޑް ޓެސްޓަމަންޓްގެ އާޔަތް ތަކުގެ ތެރެއިން ޞަރީހަކަން ބޮޑުކޮށް ފާހަގަ ކުރެވޭ އާޔަތް ތަކެވެ. އަދި މިނޫނަސް އަހަރެމެން މުސްލިމުންނަށް، އެ އާޔަތެއްގެ މާނައަށް ބަލާލުމުން އެއީ މުޙައްމަދު ގެފާނުގެ ވާހަކަކަން އެނގޭނެ އާޔަތް ތައް ހުންނާނެއެވެ. މިސާލަކަށް އޯލްޑް ޓެސްޓަމަންޓްގެ އައިޒާޔާގެ ޗެޕްޓަރ 42 ގެ ފުރަތަމަ އާޔަތުން ގޮސް 25 ވަނަ އާޔަތާއި ހަމައަށް ކިޔާލުމުންވެސް މިކަން އިނގޭނެއެވެ.
އަދި، ކުރީ ބައިގައި ހިމަނާފައިވާ ބުކް އޮފް ޑިއުޓްރޯނޮމީގެ 18 ވަނަ ޗެޕްޓަރުގެ 18 ވަނަ އާޔަތުގެ އިތުރުން ހަމަ އެ ޗެޕްޓަރުގެ 15 ވަނަ އާޔަތަކީވެސް ހަމަ އެހާމެ ޞަރީޙަކޮށް ހަމަ އެ ޚަބަރު ދީފައިވާ އާޔަތެކެވެ.

އިން ޝާ ﷲ، މި އާޓިކަލްގެ 4 ވަނަ ބައިގައި، ބައިބަލްގެ ނިއު ޓެސްޓަމަންޓްގެ ބައެއް އާޔަތްތަކަށް ބަލާލާނަމެވެ.
(ނުނިމޭ)

މުޙައްމަދު ޢާމިރު

މުޙައްމަދު ޢާމިރު

Mohamed Amir is the administrator of Mahaldheeb.com

2 Responses

  1. Avatar މުބާޝިރު says:

    މިހުރިހާ އެއްޗެއް އެފޮތްތަުގަ ހުރިއިރު އެމީހުން އިސްލާމް ނުވަނީ ކީއްވެ؟

    • މުޙައްމަދު ޢާމިރު މުޙައްމަދު ޢާމިރު says:

      ބައިބަލްގައި މިޚަބަރުތައް ހިމެނިފައިވީ ނަމަވެސް ކްރިސްޓިއަނުންގެ ގިނަ މީހުންނަކަށް އެކަމެއް ނޭނގޭ. ވަރަށް މަދު މީހަކު ބައިބަލް ކިޔާލާނީ.. ގިނަ މީހުންނަށް އެނގޭނީ އެމީހުން ޗާޗަށް ދިއުމުން ފާދިރީން ކިޔާލަދޭ މަދު އެއްޗެއް. ފާދިރީން ކިޔާދޭނީ އެމީހުން ހޮވާލައިގެން ނަގާފައިވާ އާޔަތްތައް. އޭގެ ތެރޭގައި ހުންނާނީ އެމީހުންގެ ދީން އޮޅުވާލި މަލްޢޫނު ކަމުގައިވާ “ޕޯލް” ލިޔެފައި ހުރި ބާޠިލު އެއްޗެހި.

Leave a Reply to މުޙައްމަދު ޢާމިރު Cancel reply

Your email address will not be published. Required fields are marked *