ދިވެހި ބަސް – 1

ބަހަކީ ގައުމުގެ އެއް ތަނބެވެ. ގައުމީ ވަންތަކަމުގެ އެއް ނިޝާނެވެ. ގައުމެއް ފުރިހަމަ އަމިއްލަވަންތަ ގައުމެއްގެ ގޮތުގައި ދެމި އޮތުމަށްޓަކައި ބަހުގެ ދައުރަށްވުރެ ވަކިންފުޅާ ދެވަނަ އެއްޗެއް ނޯންނާނެއޭ ބުންޔަސް ދޮގަކަށްނުވާނެއެވެ. ބަސް އުވި ވަޅުޖެހެމުންދާ ނިޝާންތަށް ފެންނަމުންދާ މިޒަމާނުގައި، ބަހަށް އެކަށީގެންވާ ކާނާ ދިނުމަކީ ބަހުގެ އަހުލުވެރިންގެ ޒިންމާއެއްކަމުގައި ދެކެމެވެ. މި މަޒުމޫނުގައި ކުރުގޮތަކަށް ބަލާލާނީ ދިވެހިބަސް އެފެދި ކުރިއަރަގެން އައިސްފައިވާ ގޮތުގެ މައްޗަށާއި، މިހާރު ދިވެހި ބަހަށް އަންނަ ބަދަލުތަކާއި، މި ބަދަލުތައް އަންނަން މެދުވެރިވާ ސަބަބުތަކަށް އަދި ދިވެހި ބަސް ނެތިދާނެ ކަމުގެ ބިރު ހީވަމުން ދާ ސަބަބުތަކަށެވެ.

ބަހަކީ އިންސާނުންނަށް ހާއްސަވެގެންވާ އެއްޗެކެވެ. ބަސް މިލަފްޒުގެ މާނައަކީ އެކެއްގެ ހިތުގައި އުފެދޭ ޝުއޫރުތަކާއި، އިހުސާސްތަށް، އަޑުތަކެއްގެ ނިޒާމެއް ބޭނުންކޮށްގެން އަނެކާއަށް އަންގާދިނުމަށް ބޭނުންކުރާ ވަސީލަތެކެވެ. ބަހާއި، ބަހުރުވަޔާ އޮތް ގުޅުމަށް ބަލާލަމާތޯއެވެ؟ ޒަމާނަށް އަންނަމުންދާ ކޮންމެ ބަދަލަކީ ތަރައްޤީއަކަށް ނުވިނަމަވެސް، ޒަމާން ބަދަލުވަމުން އައިއައިހެން ދުނިޔޭގެ ހުރިހާ ކަމަކަށްވެސް ބަދަލުއާދެއެވެ. ދުނިޔެއަށް އަންނަ ކޮންމެ ބަދަލަކާއެކު އައު ކަންތައްތަކެއް އިޖާދުވެ، ތައާރަފްވަމުން ދާނެއެވެ. އަދި ބައެއް ކަންކަން މާޒީގެ ގޮތުގައި ވަޅުޖެހެމުންވެސް ދާނެއެވެ. މިފަދަ ބަދަލުވުމެއްގެ އޮއިވަރާއެކު އެންމެ ބޮޑަށް ބަދަލެއް އަންނާނެ އެކައްޗެއް ކަމަށް ގަބޫލުކުރެވެނީ އެބަޔަކު މޮށެއުޅޭ ބަހެވެ.

އާދޭހެވެ! ބަހަކީ ލަފްޒުތަކެއްގެ މައްޗަށް ބިނާވެފައިވާ އެއްޗެކެވެ. ލަފުޒު އުފެދިގެން އަންނަނީ  މާހައުލާ ގުޅޭގޮތުންނެވެ. މާހައުލުން ފެންނަ ތަފާތު ކަންތައްތަކުގެ މައްޗަށް ލަފުޒު އުފެދި ބަސް ތަރައްގީވަމުން އާދެއެވެ. މިގޮތުން ލަފުޒު އުފެދެމުން ދާއިރު އެއްސަރަހައްދެއްގައި، އުޅޭ މީހުންނަށް އެހެން ސަރަހައްދެއްގައި އުޅޭ މީހުން ބޭނުންކުރާ ބައެއް ލަފުޒުތަށް ނޭނގުމަކީ އެކަށީގެންވާ ކަމެކެވެ. މިސާލަކަށް ދިވެހިރާއްޖޭގައި ދިވެހި ބަސް ބޭނުން ކުރާއިރު ރާއްޖޭގެ އެކި ހިސާބުތަކުގައި ވާހަކަ ދައްކާ އުޅޭގޮތް ތަފާތެވެ. ބޭނުން ކުރާ ލަފުޒުތައް ތަފާތެވެ. ވާހަކަ ދައްކާ ރާގު ވެސް ތަފާތެވެ.

އިންސާނުން އެއްރަށުން އަނެއްރަށަށް، އެއްގައުމުން އަނެއްގައުމަށް، ދަތުރުފަތުރުކޮށް އުޅޭއިރު އެހެން ގައުމެއްގައި ބޭނުން ކުރާ ލަފުޒުތައް ތައާރަފްވެ، ބަހުގެތެރެއަށް ވަދެ މަސްހުނިވެ، ބޭނުންކުރާ ރާގު ތަފާތުވުމަކީ އެކަށީގެންވާ ކަމެކެވެ. ނޫންނަމަ ދަތުރުފަތުރުގެ ދަތިތަކާހެދި، އެއްބަޔަކު އަނެއްބަޔަކާ ބައްދަލުނުވެ، ޒަމާން ތަކެއް ވޭތުވާން ޖެހުމުން ބަހަށް ބަދަލުއާދެއެވެ. މިސާލަކަށް ކުރީގެ ލޯމާފާނުތަކުގައި، ބަޔާންކޮށްފައިވާ ބަހުރުވަ މިޒަމާނުގެ ބަހަށް ކިތަންމެ ވަރަކަށް ބެލިއަކަސް ނޭނގޭނެއެވެ. މިގޮތަށް ބަދަލުވުމުން ބަހުރުވައެއް އުފެދެން މެދުވެރިވެއެވެ. މިގޮތުން ރާއްޖޭގައި ވަކިން އޮންނަ އަތޮޅުތަކުގައި، ނުވަތަ ރަށްތަކުގައި ވާހަކަ ދައްކާ ބަހުރުވަ ތަފާތުވެއެވެ. މިގޮތަށް ބަލާއިރު އައްޑޫ އަތޮޅާއި، ހުވަދޫ އަތޮޅާއި، ނައިފަރާއި، އަދިވެސް އެހެން ރަށްރަށުގައި ވާހަކަ ދައްކުމުގެ ބަހުރުވަ މާލެ އަތޮޅާއި އަޅާ ކިޔާއިރު ވަރަށް ބޮޑުތަން ތަފާތެވެ.

285x280-loamaafaanu

މިގޮތުން ދިވެހި ބަހުގެ ފާހަގަކޮށްވޭ ބަހުރުވަތަކަށް ބަލާއިރު ވާހަކަދައްކާ ރާގު ތަފާތުވީނަމަވެސް ދިވެހިރާއްޖޭގެ މެދުރާއްޖެތެރޭގައާއި އުތުރުގެ އަތޮޅުތަކުގައި ވަޒަންވެރިފައިވާ މީހުންގެ ބަހުރުވަ ހުރީ ދާދި އެއްގޮތަކަށްކަން ފާހަގަކުރެވެއެވެ. އެހެންނަމަވެސް މާލެއިން ދެކުނުގެ ބައެއް ހިސާބުތަކުގައި ބޭނުންކުރާ ބަހުރުވާގައި، ރާއްޖޭގެ އެހެން ހިސާބުތަކުގެ ބަހުރުވަޔާ ވަރަށް ބޮޑު ތަފާތުތަކެއް ހުރިކަން ފާހަގަކޮށްލެވެއެވެ. އަޅުގަނޑު ދެކޭ ގޮތުގައި ދިވެހި ބަހުގައި ތަފާތު ބަހުރުވަތައް ހުރުމީ ހަގީގަތުގައި ދިވެހި ބަހަށް ލިބޭ ކުރިއެރުމެކެވެ. މުއްސައްދިކަމެކެވެ.

ދިވެހިންނަށް ދިވެހިބަސް ބޭނުންކުރުމަށް ދަސްވެގެން އައީ ކިހިނެއް ބާއްވައެވެ؟ ދިވެހިބަހުގެ އަސްލަކީ ކޮބާބާއްވައެވެ؟ މިއީ މިހާތަނަށް ކަނޑައެޅިގެން ވަކި ޖަވާބެއް ދެވިފައިވާނުވާ އިހްތިލާފީ ސުވާލެކެވެ. ދިވެހި ބަހުގެ އަސްލާ ބެހޭގޮތުން އެކި އެކި އިލްމެވެރިން މެދުގައި ހިޔާލް ތަފާތުވެފައިވެއެވެ. ނަމަވެސް ބައެއް ބަސްތަކާ އަޅާކިޔާއިރު އެއްގޮތް ކަމެއް ހުރެއެވެ. އަރަބި ބަހުގައި ހިސާބު ލިޔާ އަކުރުތަކުގެ ބައްޓަމާއި ދިވެހި ބަހުގެ ބައެއް އަކުރު ތަކާ އެއްގޮތް ކަމެއް ހުރެއެވެ. އަދި މަލަޔާޅަމް، ސާންސްކުރިތް ފަދަ ބަސްތަކާއިވެސް ދިވެހި ބަސް އެއްގޮތް ވެފައި ހުރިކަމުގެ ބައެއް ނިޝާންތަށް ފެންނަން އެބަހުއްޓެވެ. އެހެންކަމުން ދިވެހި ބަސް އުފެދުނީ ކަނޑައެޅިގެން ވަކި ބަހަކުންނޭ ބުނެވޭނެ ހެއްކެއް ދެއްކޭވަރުގެ އެއްވެސް ހޯދުމެށް މިހާތަނަށް އައިއިރު ބަހަވީ އިލްވެރިޔަކަށް ހޯދިފައިނުވި ނަމަވެސް ގިނަ އިލްމުވެރިން ބުނާގޮތުން ދިވެހިބަސް އުފެދިގެން އައީ ސާންސްކުރިތް ބަހުންނެވެ.

މިހާތަނަށް އައި އިރު ދިވެހި ލިޔުންތަކަށްވެސް ވަނީ ވަރަށް ބޮޑުތި ތަފާތު އެކިއެކި ބަދަލުތަކެއް އައިސްފައިވެއެވެ. މިގޮތަށް ބަލާއިރު، އާސާރީ ތަންތަނުން ތަފާތު ލިޔުންތަށް ފެނިފައިވެއެވެ. އޭގެތެރޭގައި، އެވޭލާ އަކުރު، ދިވެސް އަކުރު، ލޯމާފާނު ފަދަ ލިޔުންތަކުން ފެނިފައި އެބަހުއްޓެވެ. އަދި މިހާރު ލިޔުންތެރިކަންވެސް ތަރައްގީ ވަމުން އައިސް މިހާރުގެ ލިޔުންތަކަށް މިވަނީ ފަސޭހަ ބަދަލެއް ގެނެފައިވެއެވެ. ތަރައްގީވަމުން އައިސް ބަހުގެ އަކުރުތަކަށް ބަދަލު އައިސް، ދިވެހި ލިޔާ ފަރާތްވެސް ބަދަލުކުރެވިފައިވާކަން ފާހަގަކޮށްލެވެއެވެ. ކުރީގައި ލިޔެފައި ހުންނަ ލިޔުންތަށް ހުންނަނީ ވާތުން ކަނާއަތަށެވެ. މިހާރު މިވަނީ ކަނާއަތުން ވާއަތައް ލިޔެވޭ ތާނަ އަކުރަށް ބަދަލު ކުރެވިފައިވެއެވެ.

dhivehi_akuru

ދިވެހިބަސް މިހާތަނަށް ގިރާކޮށްފައިވާ މަރުޙަލާތަކަށް ބަލާލަމާ ހިނގާށެވެ. އެއީ ދިވެހި ބަހުގެ އަދަބިއްޔާތު ބަދަލުވެފައިވާ ދައުރުތައް ކަޑައްތުކުރި މާހައުލުތަކެވެ. އިލްމުވެރިން ދިވެހި އަދަބިއްޔާތު ތިން ދައުރަކަށް ބައްސަވާލައްވާފައިވެއެވެ.  އެއީ ޅަފަތުގެ ދައުރާއި، ފިރުކެންފެށި ދައުރާއި، ހިނގައިގަނެވުނު ދައުރެވެ. ދިވެހި އަދަބިއްޔާތު އެއްދައުރުން އަނެއްދައުރަށް ބަދަލުވާން ދިމާވި ސަބަބަބުތަކަކީ ދިވެހިން އިލްމީގޮތުން ކުރިއަރަގެން ދިއުމާއި، ދިވެހިންގެ ވިސްނުމާއި ފިކުރަށް  ބަދަލުއަންނަން ފެށުމާއި، ލިޔުމާއި، ޗާޕްގެ މަސައްކަތް ފަސޭހަވެގެން ދިއުމެވެ. ޅަފަތުގެ ދައުރާއި ފިރުކެންފެށި ދައުރުގެ ލިޔުންތަކަށް ބަލާއިރު މި ދެދައުރުގެ ލިޔުންތައް ހުންނަނީ ދާދި އެއްގޮތަކަށެވެ. އިބާރާތްތަށް ދޭހަކުރަން އުނދަގޫވެފައި، އަކުރުތަކުގެ ފައިކޮޅު ތިރިއަށް ދިގުވެފައި ހުންނަކަން ފާހަގަ ކުރެވެއެވެ. ޖުމްލަތަކާއި ލަފްޒްތަށް އަތުރާފައި ހުންނައިރު ލަފްޒު ވަކިކޮށް ލިޔެފައިނުހުރުމާއި، އާދަޔާ ހިލާފަށް ގިނައިން އަރަބިބަސް ބޭނުންކޮށްފައި ހުރުމާއި، ފުލުސްޓޮޕް ޖަހައިގެން ޖުމްލަތަށް ނުނިންމާ ހުންނަކަން ފާހަގަކުރެވެއެވެ.

ދިވެހިބަހާ މެދު ދިވެހިން ހޭލުންތެރިކުރުމަށްޓަކައި، ދިވެހި ބަހުގެ ތާރީހު ގިނަގިނައިން މުޠާލިއާކޮށް، ދިވެހި ތާރީހަށް އަސްފައިވާ ބަދަލު ތަކާއިމެދު ފުންކޮށް ވިސްނާ، އަމިއްލަ ބަހެއް އޮތުމަކީ ފަހުރުވެރިވާންޖެހޭ ކަމެއްކަމުގައި ދެކި، އަދި ހާއްސަކޮށް ދިވެހިބަހުގެ މުސްތަގުބަލު ދެން އަންނަންއޮތް ޖީލަށް އަންގާދިނުމަކީ ނުހަނު މަންފާކުރާނެކަމެކެވެ. ބަސް ވަޅުޖެހިގެން ހިނގައްޖެނަމަ، އަޅުގަނޑުމެންގެ ތެރޭގައި މިއޮތް ރީތި އާދަކާދަތަކަށާއި، ދީނާ  ޘަގާފަތަށް އޭގެ ނޭދެވޭ އަސަރުކޮށް އެކަމުގެ ހިތި ރަހަ އަރުތެރޭގައި ލާންފަށާފާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *